ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހި، ދިމާވި ހާދިސާތަކުގައި 47 މީހުން މަރުވެއްޖެއެވެ.
އެގޮތުން މިއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ.
އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ރަތް ސަމާލުނެރެ މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރު ދީފައެވެ.
އެހެންކަމުން ބައެއް ސަރަހައްދުތަކުގެ އާންމު ދަތުރުތައް ހުއްޓާލާ މަގުތައްވަނީ ބަންދުކޮށްފައެވެ.
ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި 18 މީހަކު މަރުވެފައި ވަނީ ވެރިރަށް ކޮލަމްބޯގެ އިރުން 300 ކިލޯމީޓަރު ދުރުގައި އޮންނަ ބަދުއްލާ އާއި ނުވަރައެލިޔާ ސަރަހައްދުގަ އެވެ.
އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އިތުރު 14 މީހަކު ގެއްލިފައިވާ ކަމަށްވެސް އެ ސެންޓަރުން ވަނީ ރިޕޯޓުކޮށްފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ހިނގަމުން އަންނަ މި ހާދިސާތަކުގައި މިހާތަނަށް ސްރީލަންކާއިން 47 މީހުން މަރުވެފައިވާ ކަމަށް އެ ސެންޓަރުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން 1،729 ޢާއިލާއަކަށް ނިސްބަތްވާ 5،893 މީހުންނަށް ވިއްސާރައިގައި އަސަރުކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
މިދިޔަ ހަފްތާގައި ސްރީލަންކާއަށް މޫސުން ގޯސްވެ ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ ގެތަކާއި ދަނޑުތަކާއި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
ލަންކާއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ނަމަވެސް، އެ ގައުމުގެ އިރުމަތީގައި އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުން މޫސުން އިތުރަށް ވަނީ ގޯސްވެފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ގައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ ފަހު އިމްތިހާނުވެސް ވަނީ ދެ ދުވަހަށް ފަސްކޮށްފައެވެ.




