ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމާ ގުޅިގެން މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ލަންކާގެ މޫސުން ގޯސްވެ އެ ޤައުމަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވުމުން ހިތާމަކުރާ ކަމަށެވެ.
އަދި ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑުވަޅުގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހި، ދިމާވި ހާދިސާތަކުގައި 47 މީހުން ވަނީ މަރުވެފައެވެ. މިއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ.



