ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3 ގެ ޢުދުވާނުގައި ޝަހީދުވެވަޑައިގެންނެވި ހއ. ދިއްދޫއަށް ނިސްބަތްވެލައްވާ ޝަހީދު ޢުމަރު އަޙްމަދުގެ ނަމުން ކަމަށެވެ.
މަސްޖިދު ޝަހީދު ޢުމަރު އަޙްމަދުގެ ނަމުން މި މިސްކިތަށް ނަންދިނީ، ޝަހީދު ޢުމަރު އަޙްމަދަކީ އެ ހަމާލަގައި ޝަހީދުވަޑައިގެންނެވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރެއްވުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރެވިފައިވާ އިސްލާމީ މަރުކަޒެއް ކަމަށެވެ.
”މި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުޚާނާއާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި، 1 ސެމިނަރ ރޫމް އަދި އިދާރީ އޮފީސް ބައެއް ހިމެނޭ“ މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. މިގޮތުން އެ އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ހަރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމަށް ފަހު ޝަހީދު ޢުމަރު އަޙްމަދު މިސްކިތުގައި ފުރަތަމަ ފަހަރަށް މިއަދުގެ މެންދުރު ނަމާދަށް ބަންގި ގޮވާފައި ވަނީ ހއ. ދިއްދޫ، ތިލަދޫ، މުޙައްމަދު ޚަލަފް ޝަކީބުއެވެ. އަދި އިމާމުވެ ހުކުރު ކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.



