ލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ދިވެހި ކިޔަވާކުދިން އަދި އެ ގައުމަށް ދަތުރުކުރާ ހުރިހާ ދިވެހިން ސަމާލުވުމަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ”ދިތްވާ“ ނަމަކަށް ކިޔާ ތޫފާނެއް ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކަމަށް ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
”މި ތޫފާނުގެ ސަބަބުން ގަދަ ވަޔާއެކު ވާރޭވެހި ކަނޑުތައް ގަދަވާނެ“ އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މިރޭ 8:30 އާ ހަމައަށް މުޅި ސްރީލަންކާއަށް ބޯކޮށް ވާރޭވެހި އިތުރަށް ފެންބޮޑުވާނެ ކަމުގެ އިންޒާރާއެކު އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ރަތް ސަމާލުނެރެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެންް އެ ގައުމުގެ ސަރުކާރުން ވަނީ މިއަދަކީ މުހިންމު ހިދުމަތްތައް ދޭ ތަންތަން ފިޔަވައި ހުރިހާ ސަރުކާރު އިދާރާތަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާނުކޮށްފައެވެ.
އެހެންކަމުން ސްރީލަންކާގައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ދިވެހި ހައިކޮމިޝަނުން ވަނީ ތިރީގައިވާ ކަންތައްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
1) ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ފެންބޮޑުވާ އަދި ތޫފާނުގެ ސަބަބުން ގަސްގަހާގެއްސާއި ތަކެތި ވެއްޓުމުގެ ނުރައްކާ އޮތް ސަރަހައްދުތަކަށް ދަތުރުކުރުން ހުއްޓާލުން.
2) ބޯކޮށް ވާރޭވެހި ގަދަވައިޖެހޭ ވަގުތުތަކުގައި ގޭތެރޭގައި ތިބުން.
3) ލަންކާގެ މޫސުމާބެހޭ އިދާރާ (Department of Meteorology) އާއި ގުދުރަތީ ކާރިސާތަކާބެހޭ މަރުކަޒު (Disaster Management Centre – DMC) އިން ދޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ސަމާލުވުން.
4) ފެން، ބޭސް، މުހިންމު ލިޔެކިޔުންތައް، އަދި ޗާޖުކޮށްފައި ހުރި މޯބައިލް ފޯނުފަދަ އަސާސީ ތަކެތި އަބަދުވެސް ތައްޔާރީ ހާލަތުގައި ބެހެއްޓުން.
5) ޕާސްޕޯޓާއި ދިވެއްސެއްކަން އަންގައިދޭ ލިޔެކިޔުންތައް ސަލާމަތުން ބެހެއްޓިފައި ހުރިކަން ކަށަވަރުކުރުން.
6) ފެންގަނޑު ބޮޑުވަމުންދާތީ ކޯރުތަކާއި، ކުޅިތަކާއި، ގޮނޑުދޮށުގެ ސަރަހައްދުތަކާމެދު އިތުރަށް ސަމާލުވުން.
7) ތިރިތަންތަނުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ސަަރަހައްދުތަކަށް ދިއުން
8) އަވަސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު: 94777228800+ އަދި އީމެއިލް އެޑްރެސް: colombo.consular@foreign.gov.mv އަށް ގުޅުން




