ޖަޕާނުން ދިވެހި ފުލުހުންނަށް، ކަނޑުގައި ދުއްވާ އުޅަނދުތަކެއް ހަދިޔާކޮށްފިއެވެ.
ޖަޕާނުން އެ އުޅަނދުތައް ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްދެއްވާފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ކަނޑުގައި ދުއްވާ 8 އުޅަނދެވެ. އެއީ ފަސް ލޯންޗާއި ތިން ރިޖިޑް ހަލްޑް އިންފްލޭޓަބަލް ބޯޓު (އާރުއެޗްއައިބީ) އެވެ. ދިވެހި ފުލުހުންނާ އެތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯ އެވެ.
”މި އުޅަނދުތަކުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑުގެ އެކްސިޑެންޓުތަކަށާއި އެހެނިހެން ސަލާމަތީ ކަންކަމަށް އަވަހަށް އަދި ފަސޭހައިން އެޓެންޑުވުމަށް އެހީތެރިވެދޭނެ“ ޖަޕާން އެމްބަސީން ބުނެފައި ވެއެވެ.
މި އުޅަނދުތަކަކީ 2022 ވަނަ އަހަރުގެ މެއި މަހު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖޭގެ އިގުތިޞާާދީ އަދި އިޖުތިމާއީ ތަރައްގީ އިތުރަށް ކުރިއެރުވުމަށް ޖަޕާނުން 650 މިލިއަން ޖަޕާނީސް ޔެން (ގާތްގަނޑަކަށް 5.1 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 78.6 މިލިއަން ދިވެހި ރުފިޔާ) ހިލޭ އެހީގެ ދަށުން ދީފައިވާ ތަކެއްޗެވެ.



