ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޠިމް އިބްރާހީމް، މިހާރު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވެލިދޫއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވީ، ވެލިދޫގައި މިއަދު އިފްތިތާޙު ކުރި އެކްސްރޭގެ ޚިދުމަތަކީ، ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ޚިދުމަތެއް ކަމަށެވެ.
މި ޚިދުމަތް ފެށުމާއެކު، މީގެ ކުރިން ބޭސްފަރުވާއަށް މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ބުރަ ރައްޔިތުންގެ ކިބައިން ކުޑަވެގެން ދިއުމާއެކު ރަށުގައި ތިބެގެން އެކްސްރޭ ނެގުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ 16 ގަޑިއިރަށް ޚިދުމަތް ދޭ ވެލިދޫ ސިއްހީ މަރުކަޒުގައި އެކްސްރޭ މެޝިނެއް ބެހެއްޓި، މި ޚިދުމަތް ފެށިގެން ދިއުމާއެކު ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ބަލި ދެނެގަނެވި އަވަސް ފަރުވާ ދިނުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
އެގޮތުން އެކްސްރޭގެ ޚިދުމަތަކީ ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް (ނިއުމޯނިއާ، ޓީބީ ފަދަ) އަދި ބަނޑުގެ ބައެއް މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ނޮން-އިންވޭސިވް ވަސީލަތަކަށް ވުމުންް، މިކަމުގެ ސަބަބުން ޑޮކްޓަރުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ވެލިދޫ ޞިއްޙީ މަރުކަޒުގައި ޤާއިމް ކުރެވުނު އެކްސްރޭ ރޫމް ހުންނަނީ ޞިއްޙީ މަރުކަޒުގެ އިމާރާތާ ވަކިންނެވެ. އެ ދެ އިމާރާތް ގުޅުވާލާފައި ވަނީ ވޯކްވޭއަކުންނެވެ.




