ރައީސް މުހައްމަދު ނަޝީދު މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން އިސްމާއީލް ޔާފިސް، 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
އޭނާ ރައީސް ނަޝީދު މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ 2021 ވަނަ އަހަރު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު އޭރު ހުންނެވީ ރާއްޖޭން ބޭރުގައެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ ”ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް ހަދާލާނެ“ ކަމަށް ބުނެ އޭނާ ވަނީ ފޭސްބުކްގައި އިންޒާރު ދީފައެެވެ.
އެގޮތުން އެކަމާއި ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ ރ. މީދޫންނެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، 2021 ވަނަ އަހަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށާއި، ފުލުހުންގެ ޚިދުމަތުގެ ތަޙުޤީޤުގައާއި، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ރައީސް މުޙައްމަދު ނަޝީދު މަރަން ޙަމަލާދޭނެކަމަށް ބުނެ އިންޒާރުދީފައިވާ މައްސަލާގައި އިސްމާޢީމް ޔާފިސްއާއި ދައުލަތާ ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް 3 ދަޢުވާއެއް ކޮށްފައިވެއެވެ. އެއީ:
ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން – 2 އަހަރު
ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުން – 3 އަހަރު
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން – 5 އަހަރު




