އިނގިރޭސި ރަސްގެފާނު، ކިންގް ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ”ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރޭ ފުރާވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަދި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދު ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ، އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، އެ މަނިކުފާނުގެ އިސްނެންގެވުމެކެވެ.
މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެކެވެ.
މިގޮތުން، އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިޤްތިޞާދީ ހަރަކާތްތަކަކީ، ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސް.އެމް.އައި އިން ބާރުއަޅައެވެ.
ހަމައެހެންމެ އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރު ރާސްތާ މަސައްކަތްތަކަކީ، ތިމާވެށީގެ ގޮތުން ޒިންމާދާރު، އަދި ޤައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި، ”1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ“ އަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާ އެއްގޮތްވާ މަސައްކަތްތަކަކަށް ހެދޭނޭ މަގު ދައްކައިދިނުމަކީ، އެސް.އެމް.އައިގެ އަމާޒެކެވެ.




