ތޫފާން ”ދިތުވާ“ ގައި އަވަށްޓެރި ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއްވެ ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާތީ އެ ގައުމަށް އެހީވުމަށް ބާއްވާ“ ސިލޯނާއެކު ދިވެހީން“ ޓެލެތޯން ފަށައިފިއެވެ.
މި ޓެލެތޯނަކީ ލަންކާއަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޓެލެތޯނެކެވެ.
37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިއަދު 9 ޖެހި އިރު ފަށާފައިވާއިރު މިރޭ މެންދަމު 1:00ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ.
އެގޮތުން މި ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ޚާއްސަ އެކައުންޓުތަކެއްވެސްވަނީ ހަދާފައެވެ.
ޓެލެތޯނަށް ބޭނުން ކުރާ އެކައުންޓް ނަމްބަރުތައް:
ރުފިޔާ އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނެމްބަރު: 7730000796107
ޑޮލަރު އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނަމްބަރު: 7730000796106
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
ޕީއެސްއެމް އިން ބުނީ މި ޓެލެތޯނަށް ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެގާތް ގުޅުމެއް އޮންނަ އަދި އެންމެ ކައިރީގައިވާ އަވައްޓެރި ގައުމެވެ. އެހެންކަމުން އެޤައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ޕީއެސްއެމުން ދެކެއެވެ.
މި ޓެލެތޯނުގައި ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކުގެ އިތުރުން އޮފީސްތަކަށްވެސް ބައިވެރިވެވޭނެ ކަމަށް ޕީއެސްއެމުން ބުނެފައިވެއެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 123 މީހުން މަރުވެ 130 މީހަކު ވަނީ ގެއްލިފައެވެ.
މީގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން 3،000 ގެއެއް ހަލާކުވެފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. މިހާރު ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.




