ތޫފާން ”ދިތުވާ“ ގައި ބިންގަނޑު ކަނޑައިގެން ދިޔަ ޙާދިސާއެއް ހިނގި ސަރަޙައްދެއްގައި ތިބި 2 ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ވިދާޅުވީ، ރައްކާތެރިކަން ދީފައިވަނީ ލަންކާގެ މާލަބެ ޑިސްޓްރިކްޓުގައި ދިރިއުޅޭ ދިވެހި މަންމައަކާ އޭނާގެ ދަރިފުޅަށް ކަމަށެވެ.
އެ ސަރަޙައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާއިރު އެ އާއިލާ މިހާރުވަނީ ދިވެހި ހައިކޮމިޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަދި އެ ދެ މީހުންނަށް ބޭނުންވާ އެހީތެރިކަން އަންނަނީ ހަައި ކޮމިޝަނުން ފޯރުކޮށްދެމުންނެވެ.
އެ ހައިކޮމިޝަނުންވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެ ކޮމިޝަނަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް، ކޮމިޝަންގެ ހޮޓްލައިން 6666 9476881+ އަށް ގުޅުމަށް އެދިފައެވެ.



