އަންނަ އަހަރުގެ މާޗު މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ޕީއެންސީގެ ޓިކެޓަށް ކުރިމަތިލާން މާދަމާއިން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ ޕީއެންސީން މިއަދު ބޭއްވި ޕްރެސްއެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އެ އިންތިޚާބަށް އެ ޕާޓީން ކަނޑައެޅި ކެމްޕޭނު މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މާދަމާއިން ފެށިގެން 15 ޑިސެމްބަރުގެ 18:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އަދި ޕްރައިމަރީ ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ 27 ޑިސެމްބަރުގައި ކަމަށާއި ޕްރައިމަރީގައި އެ ރަށަކަށް ނިސްބަތްވާ ފޮށި މާލޭގައި މި ފަހަރު ނުބަހައްޓާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ޕީއެންސީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.
މިގޮތުން ފަލާހު ވިދާޅުވީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ޕާޓީއާއި ގުޅިވަޑައިގަންނަވާ ފަރާތްތަކަށްވެސް އެ ފުރުޞަތު އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ މި ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހު އެވެ.



