އަވަށްޓެރި ސްރީލަންކާއަށް އެހީވުމަށް ކުރރިޔަށް ގެންދާ “ ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންގެ ފަރާތުނަ 250,000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މިއީ ޕީއެސްއެމުން އިސްނަގައިގެން ”ސިލޯނާ އެކު ދިވެހިން“ގެ ނަމުގައި ަލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދިތްވާ“ ގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނެކެވެ.
އެގޮތުން މި ޓެލެތޯނު މިއަދު ހެނދުނު 9 އިން ފެށިގެން މިރޭ މެންދަމު އެކެއް ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި ޓެލްތޯނަށް އެމްއޭސީއެލްގެ ފަރާތުން ހަދިޔާކުރި ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ބޯޑު މެމްބަރު އަދި ޗީޕް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދުއެވެ. ޕީއެސްއެމްގެ ފަރާތުން އެ ޗެކާއި ހަވާލުވީ އެ ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު ހުސެއިން ޝުހާދުއެވެ.
ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެގެން ކުރިއަށްގެދާ މި ޓެލެތޯނަށް މިހާތަނަށް ވަނީ 725،626.54 ރުފިޔާ ލިބިފައެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.



