ލަންކާ ޓެލެތޯންއަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު މޫސާ(އުއްޗު) ގެ ރިސޯޓު ހިންގާ ކުންފުނީގެ ފަރާތުން 10,001 ޑޮލަރު ހަދިޔާކޮށްފިއެވެ.
މިއަދު ކުރިއަށްގެންދާ އެ ޓެލެތޯނަކީ ސްރީލަންކާއަށް އެރި ތޫފާން ”ދިތުވާ“ ގައި ގަދަވަޔާ ބޯވާރެއާއެކު ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތައް ހިނގުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޕީއެސްއެމް އިން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ.
އެގޮތުން މި ޓެލެތޯނު މިއަދު ހެނދުނު 9 އިން ފެށިގެން މިރޭ މެންދަމު އެކެއް ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި ޓެލްތޯނަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ އުއްޗުގެ ރިސޯޓު ހިންގާ ކުންފުނީގެ ފަރާތުން 10,001 ޑޮލަރު ވަނީ ހަދިޔާކޮށްފައިވާއިރު ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެގެން ކުރިއަށްގެންދާ މި ޓެލެތޯނަށް މިހާތަނަށް ވަނީ 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.


