ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި 16 ދައުވާއެއް ހުސެއިން ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައާ ގުޅިގެން 2023 ވަނަ އަހަރު ހައްޔަރުކުރުމަށްފަހު ޝިފާއު ދޫކޮށްލުމުން ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް އޭނާ ރާއްޖެއަށް ގެނައީ އިންޓަރޕޯލް ރެޑް ނޯޓިސް ނެރެގެންނެވެ.
އެގޮތުން އެ މައްސަލާގައި ދަޢުލަތުން 23 ދައުވާއެއް ޝިފާއުގެ މައްޗަށް އުފުލާފައިވާއިރު، އޭގެ ތެރެއިން 16 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފައެވެ.
އޭނާގެ މައްޗަށް ސާބިތުވީ ކަމަށް ކޯޓުން ކަނޑައެޅީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އެވެ. މީގެ އިތުރުން ޝިފާއުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ހަތް ދައުވާއާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައެވެ.
އަދި ސާބިތުވި 16 ދައުވާގެ އަދަބު ކަނޑައެޅުން އަންނަ ހަފުތާއަށް ކޯޓުން ތާވަލުކޮށްފައި ވާއިރު އެ އަދަބު ކަނޑައެޅެންދެން އޭނާ ބަންދު ކުރަން ވެސް ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެރެފައިވެއެވެ.
ޝިފާއުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ ”ކިންގްޑަމް އޮފް ފްރުޓްސް“ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމަށެވެ.



