ރަޝިޔާގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސް އެޅުމުގެ މަގުސަދުގައި ޔޫކްރޭނުން ކަޅު ކަނޑުގައި ރަޝިޔާގެ ދެ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ހަމަލާދީފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔޫކްރޭންގެ ކަނޑުގެ ސިފައިން ހަމަލާދީފައި ވަނީ ރަޝިޔާގެ ”ކައިރޯސް“ އާއި ”ވިރާޓް“ނަމަކަށް ކިޔާ ދެ ތެޔޮ ޓޭންކަރަށެވެ.
ރަޝިޔާގެ ފުޅާ ތެލުގެ ސިނާއަތަށް ޕްރެޝަރު ކުރަން ޔުކްރޭނުން އެ ދެ ތެޔޮ ޓޭންކަރަށް ހަމަލާދީފައި ވަނީ ބޭރުގެ މާކެޓްތަކަށް ތެޔޮ ލޯޑް ކުރަން ރަޝިޔާގެ ނޮވޮރޮސިސްކް ބަނދަރަށް ދަތުރު ކުރަމުން ދަނިކޮށެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޔުކްރޭން ކަނޑުގެ ސިފައިންގެ ޑްރޯންތައް ބާރު ސްޕީޑެއްގައި އެ ތެޔޮ ޓޭންކަރުތަކާ ދިމާއަށް ދުއްވާފައިދާ މަންޒަރު ފެންނައިރު އޭގެ ފަހުން ބާރުގަދަ ގޮވުންތަކެއް ގޮވައި އުޅަނދުތަކުގައި އަލިފާން ރޯވި މަންޒަރު ފެނެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ ހަމަލާތައް އަމާޒުވުމާއެކު ދެ ޓޭންކަރުވެސް ވަނީ ވަގުތުން ރޯވެ އަނދަން ފަށާފައެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރަޝިޔާއާއި ޔޫކްރޭންގެ ހަނގުރާމަ ފެށިގެން ކުރިއަށްދާއިރު ޔުކްރެއިނުން އަންނަނީ ދުރު ރާސްތާގެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިޔާގެ ތެޔޮ ފެސިލިޓީތަކާއި ރިފައިނަރީތަކާއި ސަޕްލައި ލައިންތަކަށް ދޭ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.




