ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ ބިލް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.
އެ އިސްލާހުގައި ވަނީ އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ އެ ދައުރެއްގައި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަވެސް އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް ހިމަނާފައެވެ.
މީގެ އިތުރުން އެ އިސްލާހުގައި ވަނީ ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން ހިމަނާފައެވެ. އެއީ، މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ އާއި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މިހާރު އޮތް ގާނޫނުގެ ދަށުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50,000 ރުފިޔާއަދި އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75,000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެއެވެ. މީގެ އިތުރުން، ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް 50,000 ރުފިޔާ އާއި އޮފީސް ހިންގުމުގެ ޚަރަދަށް 175,000 ރުފިޔާ ދޭން ޖެހެއެވެ.
ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދެމުންގެންދާ ބައެއް އިނާޔަތްތައް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.



