”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ޤައުމީ ދިފާޢީ ބާރުން 1 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.
މިއީ އެ ޓެލެތޯނަށް ދެވަނައަށް އެއްފަރާތަކުންވި އެންމެ ބޮޑު ފައިސާގެ އެހީއެވެ.
މި އެހީ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ ޕީއެސްއެމް ސްޓޫޑިއޯގައި އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޤިޔާސްއެވެ. މި ޗެކާއި ޕީއެސްއެމް ފާރާތުން ހަވާލުވެވަޑައިގަތީ ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން، އައިމިނަތު ނަމްޒާއެވެ.
މި ފައިސާ ހަވާލުކޮށްދެއްވުމަށް ފަހު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޤިޔާސް ވިދާޅުވީ އަވަށްޓެރި ސްރީލަންކާއަށް ދިމާވި ކާރިސާގައި އެހީވުމަށް، ދިވެހި ސިފައިންގެ ފަރާތުން ވެ ދެއްވި އެހީއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހަރަކާތްތެރިވަމުންދާ ސިފައިން އެކުގައި ވެދެއްވާފައިވާ އެހީއެއް ކަމަށެވެ.
އަދި މިވަގުތު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ހިލްމީ ލަންކާގައި ހުންނެވިކަން ހާމަކުރައްވާ ކޯސްޓް ގާޑުގެ އުޅަނދު ހުރަވީ ލަންކާގެ ބަނދަރުގައި އޮތް ކަމަށާއި، އެއްވެސް އެހީތެރިކަމެއް ލަންކާގެ ނޭވީއަށް ބޭނުންވެއްޖެ ނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސްއާ ހަވާލާ ދެއްވާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދިތްވާ“ ގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނު ފެށީ އިއްޔެ ހެނދުނު 9 ޖެހިއިރުއެވެ. އަދި މި ޓެލެތޯނަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު މެންދުރު 2:00 އާ ހަމައަށް އެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.
މިއަދުގެ މެންދުރު 14:22 ވުމާއި ހަމައަށް އެ ޓެލެތޯނަށް 11,415,915 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 10،743،125 ރުފިޔާ އަދި 43،631 ޑޮލަރެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.




