އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
އެ ވަފްދު ރާއްޖެ އަށް އައީ އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ.
މިކަންހާމަކޮށްފައި ވަނީ ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެންބަސީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ސަޢުދީ އެންބަސީން ބުނީ ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ރާއްޖެ އައިސްފައިވާ ކަމަށެވެ.
ސައުދީ އެންބަސީން ބުނީ މި ދަތުރުގައި އެ ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސައުދީ ވަފުދުގެ މި ދަތުރުފުޅާއި ގުޅިގެން ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ގުޅޭ މައުލޫމާތު އެ ވަފުދާ ހިއްސާކުރަން އިންވެސްޓް ފޯރަމެއްވެސް ބާއްވާނެއެވެ.




