ކުރުނބާ ފަނި ވިއްކާ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުުހުން މިއަދު ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ބަންގްލަދޭޝް ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ، އަދި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށެވެ.
”މިތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ވަނީ ފާހަގަކުރެވިފައި“ ފުލުހުން ބުނެފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ”ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް“ އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބަން އެފަދަ ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ވަނީ ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ތައާރަފުކޮށްފައެވެ.



