އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެ ގައުމުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވީ މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޔޫއޭއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒަޔެދް އަލް ނަޙްޔާނަށާއި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.
އަދި އެކުވެރިކަމާއި އީޖާދީ ވިސްނުމާއި ކުރިއެރުމުގެ ތެރެއިން ލިބުނު ތަރައްޤީ ޔޫއޭއީގެ ޤައުމީ ދުވަސް ހަނދާންކޮށްދޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ.
މިގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށާއި، އެއްބާރުލުމަށް ރާއްޖެއިން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.



