ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ “ ލޯކަލް ޕޮލިސިންގ ކޮންފަރެންސް” ފަށައިފިއެވެ.
އެ ކޮންފަރެންސް ކުރިއަށްގެންދާނީ މި މަހުގެ 2 އިން 3 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.
މިއަދު އެ ކޮންފަރެންސް ފެށުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙުސާންއެވެ.
ލޯކަލް ޕޮލިސިންގ ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުމަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެއެވެ.
އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ އިސްވެރިންނާއި އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.



