ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިފަދަ އުޅަނދުތައް ޓޯވކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް އެފަދަ އުޅަނދުތައް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގައާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޚިދުމަތުން ޒިންމާ ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމުގައިވެސް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް މި މަހުގެ 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން އެތަންތަނުން ނެގުމަށް ފުލުހުން ވަނީ އެދިފައެވެ.



1 Comment
އަބަދުވެސް ނަގަނީ މީހުން ދުއްވާ އުޅަނދު. ނުދުއްވާ ދޫކޮށްލައިފައޮތް އެތައް ކާރެއް ގަރާޖުތައްކައިރީގަ އަދި ފޭސް2 ގެ މަގުތަކުގަ އެބަހުރި. ލާރި ނުލިބޭނެތީ އެއްޗެހި ނެގުމެއްނެތް. މުސީބާތެއްނުމީ