ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު އެފަދަ ފަރާތްތަކުގެ އަބުރު ރައްކާތެރިކުރެވިފައިވާ ހަމަހަމަ ފުރުޞަތުތައް ފަހިވެފައިވާ އެމީހުންވެސް ޝާމިލުވާ މުޖުތަމަޢެއް ޤާއިމުކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އެމީހުންނަށް ފުރުޞަތުތައް ހޯދައިދީ، އިޤުތިޞާދީ ހަރަކާތްތަކުގައި އެމީހުން ބައިވެރިކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި އެ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 300 މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ވަނީ ހޯދައިދީފައެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ އިސްތިރާޖީ ރޭވުންތަކެއް އެކުލަވާލާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޚާއްސަ މަޝްރޫޢެއް އިފްތިތާޙުކޮށްފައިވާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



