ރައްޔިތުންގެ މަޖިލީހަށް އަންނަ މެހުމާނުންނާއި ނޫސްވެރިން މަޖިލީހަށް ވެއްދޭނީ މަޖިލީހުގެ އާއްމު ކޮމިޓީން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ކަމަށް މަޖިލީސް ގަވާއިދަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މި އިސްލާހު ހުށަހެޅީ މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެ އިސްލާހުގައިވާގޮތުން މަޖިލީހަށް މެހެމާނުން ވެއްދުމާއި މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް އަންނަ މެހުމާނުންނާއި ނޫސްވެރިންނާއި، މަޖިލީހުގެ ކޮމިޓީތައް ހިންގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީގެ މެންބަރުން ފިޔަވައި މަޖިލީހުގެ އެހެން މެންބަރުންނާއި މެހުމާނުންނާއި ނޫސްވެރިން އެ ކޮމިޓީއަކަށް ވެއްދުމުގައި އަމަލު ކުރާނީ އާއްމު ކޮމިޓީން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މީގެ އިތުރުން މަޖިލީހުގެ ގެއަށް އަންނަ މެހުމާނުންނާއި މަޖިލީހުގެ ކޮމިޓީތައް ހިންގަމުންދާ ވަގުތުތަކުގައި ކޮމިޓީއަށް އަންނަ މެހްމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ހިލާފު އެއްވެސްކަމެއް ހިންގައިފިނަމަ އެކަމެއް އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަމާލުކަމަށް ގެންނަންޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.



