އިސްލާމީ ފިޤުހުގެ އުޞޫލުތަކުގެ އަލީގައި ހަރުދަނާގޮތެއްގެ މަތިން އިތުބާރާއި އަމާނާތްތެރިކަމާއެކު ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ އަދުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށައެޅުއްވި ޒަކާތު ބިލު މިއަދު މަޖިލީހުގެ އަޤުލަބިއްޔަތުން ފާސްކޮށްފައިވާއިރު އެކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު ޝަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ބިލު ހުށައެޅެއްވުމަށް ދެއްވި މުހިންމުކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
”އަޅުގަނޑުގެ ދުއާއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުން. ރާއްޖޭގެ ޒަކާތުގެ ޤާނޫނު ބިނާވެފައިވަނީ އިސްލާމީ ފިޤުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް.“ މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މިއަދު ފާސް ކުރެވުނު ޒަކާތުގެ ޤާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އުކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް ޤާނޫނުގެ މަޤުޞަދެކެވެ.
ޒަކާތުގެ ބިލުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި އިސްލާމިކް މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބަޔާންކުރެއެވެ. މި ކައުންސިލްގައި މިނިސްޓަރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ 9 މެންބަރުން ތިއްބަވާނެއެވެ.
ހަމައެއާއެކު އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ”މޯލްޑިވްސް ޒަކާތު ހައުސް“ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދެނޭއެވެ.
މީގެ އިތުރުން އައު ޤާނޫނާއެކު ޒަކާތާބެހޭ ޝަރުޢީ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދޭނެއެވެ.




