ލ. ގަމުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް އެ ރަށުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް އެވެ.
ޕީއެސްއެމް އަށް މައުލޫމާތު ދެމުން އެމްޑީ ނަޖާހު ވިދާޅުވީ އިންޖީނުގޭގައި މިއަދު ހިނގި ޙާދިސާގައި އިންޖީނަކަށް ގެއްލުންވެ ގަމުގެ 3 ސަރަޙައްދަކުން ކަރަންޓު ކެނޑުނު ކަމަށެވެ.
ނަމަވެސް ފެނަކައާއި އަދި އެމްއެންޑީއެފްގެ ޓެކްނިކަލް ޓީމަކުން ކުރި މަސައްކަތުން މިހާރު އެ ތިން ސަރަޙައްދަށްވެސް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް އެމްޑީ ނަޖާހު ވަނީ ވިދާޅުވެފައެވެ.
ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ފޮނަދޫ ފިޔަވާ ގުޅިފައިވާ އެ ސަރަޙައްދުގެ ރަށްތަކުން ކަރަންޓު ކެނޑިފައިވާތީ އެމްެއެންޑީއެފާއި ގުޅިގެން އިތުރު ޖަނެރޭޓަރެއް ގެންގޮސްގެން ކަރަންޓު ވީހާވެސް އަވަހަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން މިއަދު ހަވީރު ވަނީ ބުނެފައެވެ.



