ރ. މަޑުއްވަރީގައި 400 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މަޑުއްވަރީގައި 400 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް، 344 ކިލޯވޮޓް ގަޑީގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކާއެކު ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދެމެހެއްޓެނިވި ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.
އެގޮތުން މި ނިޒާމު ބޭނުންކުރަން ފެށުމުން، އަހަރަކު 187,902 ލީޓަރުގެ ޑީޒަލް ބޭނުންކުރުން މަދުވެ، 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް ވައިގެ ތެރެއަށް ދޫކުރުން ހުއްޓުވޭނެ ކަމަށް މިިނިސްޓްރީން ބުނެފައި ވެއެވެ.
މި ސިސްޓަމް ބަހައްޓައި ނިމި، އަމަލީކޮށް ބޭނުންކުރަން ފެށުމުން މަޑުއްވަރީގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ދިމާވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ތިމާވެށީގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުން އަލުން އާ ކުރެވޭ ހަކަތައިގެ ވަސީލަތްތަކުން ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.




