ގިނިސް ވޯލްޑް ރެކޯޑްސް އިން އިސްރާއީލާ ގުޅުން ކަނޑާލައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކިޑްނީ ހަދިޔާ ކުރުމުގައި އިސްރާއީލުގެ ވޮލަންޓިއަރ ގްރޫޕަކުން ކުރި މަސައްކަތް ބަލައިނުގަތުމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ ނިންމާފައެވެ.
ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކިޑްނީ ހަދިޔާ ކުރުމަށް ހިތްވަރުދޭ ޖަމިއްޔާ ”ގިފްޓް އޮފް ލައިފް“ އިން ގިނިސް އާއި ގުޅައިގެން ގުނަވަން ހަދިޔާ ކުރުމުން ފުރާނަ ސަލާމަތްކޮށްފައިވާ 2،000 ޑޯނަރުންގެ ރެކޯޑެއް ރަޖިސްޓްރީ ކުރަން ހުށަހެޅުމުން އެ އެޕްލިކޭޝަން ”ރިޖެކްޓް“ ކޮށްފައިވާ ކަމަށެވެ.
ގިފްޓް އޮފް ލައިފް ޖަމިއްޔާ އިން ބުނީ އެ އެޕްލިކޭޝަން ގިނިސް ވޯލްޑް ރިކޯޑްސް އިން ބަލައިނުގަތުމަށް ނިންމާފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ. “ ގިނިސް އިން އެ ކާމިޔާބީ ގަބޫލު ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން“ އެ ޖަމިއްޔާގެ އިސްވެރިޔާ ރަބީ ރޭޗަލް ހޭބަރ ވަނީ ބުނެފައެވެ.
ނަމަވެސް ގިނިސް އިން އެ ޖަމިއްޔާއަށް ފޮނުވި އީމެއިލް އެއްގައި ބުނީ އިސްރާއީލުގެ ރެކޯޑް އެޕްލިކޭޝަންތައް މިހާރު ޕްރޮސެސް ނުކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން އެ ޖަމިއްޔާއިން އެ މައްސަލަ އަނބުރާ ގެންދަން މެދުވެރިވި ސަބަބު ސާފުކޮށްދޭން އެދުނު ނަމަވެސް އަދި ޖަވާބެއް ލިބިފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ގިނިސް އިން މިކަމާއި މެދު އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން އިސްރާއީލާ ގުޅުން ކަނޑާލަން ނިންމާފައި ވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ފަށާފައިވާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޣައްޒާއިން އިން 70،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، ހަމަލާތަކުގައި 171،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ރިޕޯޓުކޮށްފައެވެ.



