ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޓީސީސީއިން ހުޅުވާލައިފިއެވެ.
އެކުންފުނިން ބުނީ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އާންމުން ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާ އެކަމަށް ހާއްސަ ލިންކެއްވެސް ވަނީ އާންމުކޮށްފައެވެ.
އެމްޓީސީސީން ބުނީ އާންމުން ބޭނުންވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތް ގެންދިއުމަށް އާންމުންގެ ހިޔާލު ވަރަށް މުހިންމު ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ތިން ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިގޮތުން މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތްކޮށް، ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރާނެއެވެ.
144 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހަދާނެއެވެ. އަދި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކޮށް ރޯޑް މާކިން އާއި ސައިން ބޯޑް ހަރުކުރާނެއެވެ.



