ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު ”މައި ހުޅުމާލެ ޕޯޓަލް“ ގައި އާންމުކޮށްފިއެވެ.
މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް މަސައްކަތް ކަމަށެވެ.
އެހެންކަމުން ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކޮށްގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާ، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
”މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ..ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެ.“އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ ސަރުކާރުގެ މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާވެހިކަމާއި ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.


