ސައިކްލޯންއެރި ގައުމުތަކަށް އެމްފައިސާ މެދުވެރިކޮށް އިތުރު ޗާޖަކާނުލާ ފައިސާ ފޮނުވޭގޮތް ހަދައިފިއެވެ.
ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކަށް އެމްފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަޤްވާމީ މަނީ ޓްރާންސްފަރ ކުރެވޭނެކަން އުރީދޫ ފިންޓެކް މޯލްޑިވްސް އިން މިއަދު އިޢުލާންކޮށްފިއެވެ.
އުރީދޫ އިން މިއަދު ބުނީ 1 ޑިސެމްބަރު 2025 އިން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް ރައްކާތެރިކަމާއެކު ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ ކަމަށެވެ.
”މި ލިމިޓެޑް ޓައިމް އޮފަރ ފަރުމާކޮށްފައި ވަނީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް“ އުރީދޫ އިން ބުނެފައި ވެއެވެ.
އުރީދޫ އިން ބުނީ އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ (އައިއެމްއާރު) ހިދުމަތާއެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށެވެ.
މި ޚިދުމަތަކީ މަނީގްރާމް އާ ޕާޓްނަރވެގެން ކުރިއަށް ގެންދެވޭ ޚިދުމަތެކެވެ.
މި ހިދުމަތާއެކު:
• ތޫފާނުގެ އަސަރު ކޮށްފައިވާ ބައެއް ގައުމުތަކަށް ޓްރާންސްފާ ފީއެއް ނުނަގާނެ
• ދުވާލަކު 10،000 ޑޮލަރާ ހަމައަށް ޓްރާންސްފަރ ލިމިޓު
ފޯމު ފުރަން ނުޖެހޭ، ސަފުގައި މަޑު ކުރަން ނުޖެހި ޑިޖިޓަލީ ފައިސާ ފޮނުވާލުން
• އެމްފައިސާ އެޕް މެދުވެރިކޮށް ރިއަލް ޓައިމް ޓްރާންސެކްޝަން ޓްރެކިން
ކަސްޓަމަރުން އެމްފައިސާ ވޮލެޓަށް ފައިސާ އެޅުމުން، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފަރ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށެވެ.
ރާއްޖޭގެ ގިނަ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ގާތްތިމާގެ މީހުން މި ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅެއެވެ. ޓްރާންސްފަރ ފީއާނުލާ، ވަގުތުން ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ފޯރުކޮށްދިނުމުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އުރީދޫގެ ސީއީއީ ވިދާޅުވިއެވެ.
އަދި އުރީދޫގެ އަމާޒަކީ ޓެކްނޮލޮޖީ އަކީ މާނަވީ މަގްސަދެއް ހާސިލް ކުރާ އެއްޗެއްކަން ކަށަވަރު ކުރުން ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
އުރީދޫ އިން ބުނީ މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ބޭނުންކޮށް، މުޖުތަމައިއަށް އެހީތެރިވުމަށާއި، އިންކްލޫސިވިޓީ އަދި ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ އެވެ.



