މިހާރު ޝަރީއަތް ނިންމަން ޖެހި ބަންދު ކުރެވިފައި ތިބި މީހުންގެ އަދަދު 347 އަށް އަރާއިރު، އޭގެ ތެރެއިން 117 މީހުން މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ވާނުވާ ބަންދުގެ ކަންކަން މީގެ ކުރިން އޮތީ، ވާނުވާގެ ގޮތުގައި ކަމަށާއި މިއީ އެ ހައްޔަރު ކުރެވިފައިތިބި މީހުންގެ މައްސަލަތައް ނިމޭނެ ދުވަހެއް، އެ މީހުންގެ މައްސަލަތައް ޝަރީއަތް ބޭއްވޭނެ ދުވަހެއް މިއިން އެއްވެސް ކަމެއް ނޭނގި ވާނުވާ ގޮތަކަށް އޮތް ކަމެއް ކަމަށެވެ.
”އެހެންވެފައި އެ ވެފައި އޮތް ސަބަބުތައް އަޅުގަނޑުމެން ބެލީ، އަޅުގަނޑަކީ ވީ ކޮންމެ ވައުދެއް ފުއްދާނެ މީހެއް. އެ ވައުދުތައް ފުއްދަމުން މިއަދާއި ހަމައަށްވެސް އައީ، ކުރިއަށް އޮތްތަނުގައިވެސް ފުއްދާނެ، މި ވާނުވާ މައްސަލަ ނިމުމުގައި ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް މިއަދާއި ހަމައަށް އައިއިރުވެސް ވަރަށް ސީރިއަސް ކަމާއެކު ކުރަމުން މިއައީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތަކާ ގުޅޭގޮތުން ރޭގެ އެ ބައްދަލުވުމުގައި ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް އެންމެ ފުރަތަމަ ހާމަކުރެއްވީ އެފަދަ މީހުންގެ މައްޗަށް ކުރާ ތުހުމަތުގެ ބާވަތްތަކާއި އެގޮތަށް ބަންދުކޮށްފައި ތިބި މީހުންގެ އަދަދެވެ.
”ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އަޅުގަނޑަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން. އަޅުގަނޑު ކޮށްގެން ވާނެ ކަމެއް ވެސް ނޫން އެއީ. އެހެންވީމާ އެކަން ނުވަނީ. މި ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ މާނައިގައި މިނިވަން ކޮށްދޭން.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވާނުވާ ބަންދުކުގައި ތިބި މީހުން ފަަސް މިނެޓް ތެރޭގައި ދޫކޮށްލެވިދާނެ ކަމަށް ބުނެ ކުރި ކޮމެންޓަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވަނީ ތަފާސް ހިސާބުތަކެއް ދެއްވާފައެވެ.
ވާނުވާ ބަންދުގެ ތަފާސް ހިސާބު
° ޖުމްލަ 314 މީހުން.
° މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން.
° ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުން.
° ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުން.
° މާރާމާރީގެ ތުހުމަތު ކުރެވޭ 70 މީހުން.
° ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ 116 މީހުން.
މީގެ އިތުރުން، ކަޅުފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކުށްކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމަޢުގެ ތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ ރައީސް މުޢިއްޒު ވަނީ ސުވާލު ކުރައްވާފައެވެ.



