މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ، މި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) ގެ އިތުރުން ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.
މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށްވަނީ ހޯދިފައި ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
”އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.“ ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.



