ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޕަސެންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއައިއޭ) ގެ އެތިހާދް އެއާވޭސްއަށް ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.
ޓާމިނަލް 1 އިން އެތިހާދް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ވީއައިއޭގައި ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ.
މި ރަސްމިއްޔާތުގައި އެތިހާދު އެއާވޭސްގެ އޭވިއޭޝަން މެނޭޖަރ ރެހާން މުޙައްމަދު ފާއިޒު އާއި އެ އެއާވޭސްގެ އެއާޕޯޓް މެނޭޖަރު ނާޒު އަލީ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވީއައިއޭގެ ޓާމިނަލް 1 އިން އެތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެއާލައިނުން ފުރި 305 ޕަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި މިއަދު ކައިރިކުރި އެތިހާދު އެއާވޭސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 180 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ގާއިމްވެފައިވާ އެތިހާދު އެއާވޭސްއަކީ ޔޫއޭއީގެ ޤައުމީ އެއާލައިނެވެ. އޭގެ އިތުރުން އެ އެއާލައިނަކީ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 1 ނޮވެމްބަރ 2011 ގައެވެ. މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ ތިންވަނަ އެއާލައިނެވެ.
އެތިހާދު އެއާވޭސް އާއެކު ޓާމިނަލް 1 އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 29 އަަށް އިތުރުވެފައެވެ.



