ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގައެވެ.
އެޗްޑީސީގެ ފަރާތުން މިމަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ.
މިކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރުއެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވީޑޮންގ އެވެ.
ޗައިނާ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފޭސް 1ގައި މިހާރު ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީކުރުމަށެވެ. ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ.
އެ ކުންފުންޏާ ދެން ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި މީގެކުރިން ހަދާފައިވާ މަގުތަކުގެތެރެއިން، ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތެވެ. އެގޮތުން ހުޅުމާލޭގެ ފިތުރޯނު މަގާއި އެހެން ބައެއް މަގުތައް މަރާމާތު ކުރާނެއެވެ.
މިމަޝްރޫޢުގެ ތެރެއިން ފޭސް 1ގައި މިހާރު ތާރު އަޅާފައި ނެތް ހުރިހާ މަގެއް ތަރައްޤީ ކުރާނެއެވެ. ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތައް ހެދުމުގެ މި މަޝްރޫޢުގެ މަސައްކަތް 6 މަސް ދުވަހުގެތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.



