ފެނާއި ނަރުދަމާގެ ކުއްލި ޙާލަތުގެ ރޭވުންތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ސްޓެލްކޯއާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސްޓެލްކޯއިން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި އެ ރޭވުންތައް ތަންފީޒުކުރުމަށް މަގުފަހިކުރުމެވެ.
މިނިސްޓްރީން ބުނީ އެފަދަ ކުއްލި ޙާލަތުގެ ރޭވުންތައް އެކުލަވާލެވޭނީ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ’ޑަބްލިޔު.އެސް.އީ.ޕީ ގައިޑްބުކް‘ ބޭނުންކޮށްގެން ކަމަށެވެ.
”މީގެ ސަބަބުން، ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ދިމާވެދާނެ ކޮންމެ ކުއްލި ޙާލަތެއްގައި ވެސް އިތުރަށް ތައްޔާރުވެ، އެފަދަ ޙާލަތްތަކުގައި ޚިދުމަތަށް ދަތިނުވެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެކަން ކަށަވަރުކުރެވޭނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ރޭވުންތައް ތަންފީޒުކުރުމުގެ މުހިންމުކަމާއި، ޚާއްސަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.
މި ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިންނާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންފައި ވެއެވެ.




