ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާކަމުގެ ޝަކުވާ ހުށަހެޅުމަށް އެ މިނިސްޓްރީން 27 ނޮވެމްބަރުގައި ކުރި އިއުލާނާ ގުޅިގެން ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި، އެ މިނިސްޓްރީ ހިމެނޭހެން ގައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
”މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގްސަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ޤާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން“ އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ އެ އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
”މިގޮތުން 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، 2 ގަރާޖް އަދި 11 ގެސްޓްހައުސް ހިމެނޭހެން ޖުމްލަ 35 ތަނެއް އިންސްޕެކްޓް ކުރެވި 11 ވިޔަފާރިއެއް ބަންދުކުރެވިފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ވިޔަފާރި ބަންދު ކުރުމަށް ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ ކަމަށެވެ.
ދިވެހިން ނިވާފަތްގަނޑަކަށް ބޭނުން ކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.



