އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު 2025 ފަށައިފިއެވެ.
މީޑިއާ މައުރަޒު 2025 ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މީޑިއާ މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޙަލީލްއާއި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދާކަމަށެވެ.
އެގޮތުން މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ޚުޠުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެެއެވެ.
މީޑިއާ މައުރަޒު މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔައިރު މާދަމާ ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް އެ މައުރަޒު ކުރިއަށްދާނެއެވެ.
މި މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ޝައިޚުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން އެ މިނިސްޓްރީގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ކުރެވެމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މައުރަޒެކެވެ.




