ސްރީ ލަންކާ އަށް އެރި ބާރުގަދަ ތޫފާން ”ދީތުވާ“ގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 834,843 ޑޮލަރު (12 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އެ ގައުމުގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
އެ ޓެލެތޯނުން ލިބުނު ފައިސާ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.
37 މީޑިއާއެއް ގުޅިގެން ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި އެ ޓެލެތޯން ނިންމާލީ ޑިސެންބަރުމަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 14:00ގައެވެ.
އެ ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ބޮޑެތި ވިޔަފާރިތަކުންނާއި ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެ ޓެލެތޯން ކުރިޔަށްގެންދިޔައިރު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ހަމަޖައްސާފައި ވެއެވެ.
އަދި އެ ޓެލެތޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރު ’ކްރޯ މޯލްޑިވްސް‘ އިން ބުނީ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ފެށިގެން ނިމެންދެން ޕީއެސްއެމްއާ ވަރަށް ގާތުން މަސައްކަތް ކުރަމުން ދިޔަ ކަމަށާއި ޓެލެތޯންގެ ޕަންޑު ރެއިޒިން ވަގުތު ހަމަވުމަށްފަހު ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާ ގުނުމުގެ ހުރިހައި މަސައްކަތެއްކޮށްފައި ވަނީ ކްރޯ މޯލްޑިވްސް އިން ކަމަށެވެ.




