މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން ފޮނުވާ މެސެޖުތަކާއި ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަބް އެ ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެކަން ހާމަކޮށް ޙައްޖު ދަތުރާ ގުޅޭގޮތުން އިތުރު ފައިސާ ދެއްކުމަށް އެދި ފޮނުވާ މެސެޖުތަކަކީ ދޮގު މެސެޖުތަކެއްކަމުގައި ހާމަކޮށްފައެވެ.
އިސްލާމްދީނުގެ މާތް އަޅުކަމާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މިފަަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެހެންކަމުން ހައްޖު ކޯޕަރޭޝަންގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.




