ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރާ ނެޓްފްލިކްސް ހިންގާ ކުންފުނިން، މުނިފޫހިފިލުވުމުގެ ދާއިރާގައި ނަން ހިނގާ އެއް ބްރޭންޑް ކަމަށްވާ ވޯނަރ ބްރޯސް، 72 ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އެ އެއްބަސްވުމަކީ ކޭޝް އަދި ސްޓޮކް ހިއްސާ ކޮށްގެން ކުރިއަށްގެންދާ ވިޔަފާރީގެ ޑީލެކެވެ.
ނެޓްފްލިކްސް އިން ވޯނަރ ބްރޯސް ގަންނަން ނިންމާފައިވާއިރު، މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިންވެސް މިއީ ދިނިޔޭގެ މީޑިއާ އިންޑަސްޓްރީގައި ދެކެވުނު އެންމެ ބޮޑު ޑީލުގެ ވާހަކައެވެ.
އެގޮތުން މި ޑީލުގެ ދަށުން ނެޓްފްލިކްސްއިން ވޯނަރ ބްރޯސް ޑިސްކަވަރީ (ޑަބްލިއު.ބީ.ޑީ) ގެ ހިއްސާދާރުންނަށް، އެ ކުންފުނީގެ ކޮންމެ ހިއްސާއަކަށް ނެޓްފްލިކްސްގެ 1.8 ހިއްސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 72 ބިލިއަން ޑޮލަރަށް ހެދި މި ޑީލުގެ ސަބަބުން ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި ޑީލު ނެޓްފްލިކްސްއިން ހަދަން ނިންމީ ސްޓްރީމިން ދާއިރާގައި ކުރިމަތިވެފައިވާ ބޮޑެތި ވާދަވެރިކަމުން އަރައިގަތުމަށް ކަމަށް އެ ކުންފުނިން މީގެކުރިން ވަނީ ބުނެފައެވެ.



