ސަރުކާރުގެ ފަރާތުން ހިންގާ މަގޭ ސޯލާ“ ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭގައި 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު ގޭބީސީތަކުގައި ހަރުކޮށްފައިވާކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
މި ޕްރޮގްރާމަކީ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތައް ބޭނުންކުރުމުގެ ފުރުސަތު ގޭބިސީތަކަށް ފަހިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެގޮތުން ހއ. ފިއްލަދޫގައި މި މަސައްކަތް މިއަހަރުގެ ޖަނަވަރީ މަހު އެންމެ ފުރަތަމަ ފައްޓަވާދެއްވީވެސް ރައީސް މުޢިއްޒު އެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރު ތެރޭގައި 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު ރާއްޖޭގެ 10 އަތޮޅެއްގެ ގޭބިސީތަކުގައި ހަރުކޮށްފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން ގޭބިސީތަކަށް އަމާޒުކޮށްގެން އިތުރު 1.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. އިތުރު 7 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލާ ނިޒާމު ހަރުކުރަން ނިންމާފައިވެއެވެ. މިޕްރޮގްރާމުގެ މަޤުސަދަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުން ކަމުގައި ސަރުކާރުން ބުނެފައިވެއެވެ.



