ޤާނޫނު ނަންބަރު 2/99، (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލުތައް ކަނޑައަޅައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތައް ބަޔާންކުރުމެވެ. މީގެ އިތުރުން ރިޒޯޓު ހެދުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާއި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ޚިދުމަތް ދިނުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުން ހިމެނެއެވެ.
މި ބިލުގައި، ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި ”ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް“ ހިމަނައި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި، ތަރައްޤީކޮށް އެ ތަންތަން ހިންގުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ އިހްތިޞާޞްގައި ހިމެނޭ ތަންތަނުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާކަމަށާއި އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ، އެ ތަނެއް ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭނެ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.



