އަންނަ ދިރާސީ އައު އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން ބުނީ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހައި ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށް ޓަކައި، ދުރާލާ ސްކޫލްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހައި ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމާލުން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހައި ރަށެއްގެ ސްކޫލުތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ވެސް ދުރާލައި ކުރެވެމުންދާ ކަަމަށް ބުނެފައިވެއެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ މި ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27ވަނަ ދުވަހުއެވެ.
އަންނަ އަހަރުގެ ފުރަތަމަ ޓަރމްގެ މިޑް ބްރޭކް މެއި މަހުގެ 24އިން 30ހަށް ލިބޭއިރު ފުރަތަމަ ޓަރމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17އިން އޯގަސްޓު މަހުގެ 1 އަށް ކަމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުން ހާމަވެއެވެ.




