އިންޑިއާގެ ގޯއާގައި ހުންނަ މަޝްހޫރު ނައިޓްކްލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ފަތުރުވެރިންތަކެއް ވެސް ހިމެނޭހެން 23 މީހަކު މަރުވެއްޖެއެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ކްލަބުގައި ހުރި ސިލިންޑަރެއް ގޮވައިގެން، ރޭ މެންދަމުގެ ވަގުތެއްގައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ގިނައީ އެ ކްލަބުގެ ބަދިގޭގައި މަސައްކަތްކުރި މީހުންނެވެ. ނަމަވެސް ގޯއާގެ ޗީފް މިނިސްޓަރ ޕްރަމޯދް ސާވަންތު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، މަރުވި މީހުންގެ ތެރޭގައި 4 ވަރަކަށް ފަތުރުވެރިން ވެސް ހިމެނޭ ކަމަށެވެ.
ގޯއާއަކީ އެތަނުގެ ރީތި ބީޗުތަކުގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ޓޫރިސްޓު މަންޒިލެކެވެ.
”މިއަދަކީ ގޯއާގެ ރައްޔިތުންނަށް ވަރަށް ވެސް ހިތާމަވެރި ދުވަހެއް. އަލިފާނުގެ މި ބޮޑު ހާދިސާގައި 23 މީހަކު ވަނީ މަރުވެފަ“ ސާވަންތު ބުނެފައިވެއެވެ.
މި ހާދިސާ ހިނގުމުން އަލިފާން ނިއްވާލުމަށް ކުރަމުންދިޔަ މަސައްކަތްތަކާއި، ހާދިސާގައި ޒަހަމްވި ބައެއް މީހުން ފަރުވާއަށް ހޮސްޕިޓަލުތަކަށް ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.




