ގދ. ތިނަދޫއަށް ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި އެ ރަށުގައި ފެންބޮޑުވެ، ގޭގެއަށާއި ސަރުކާރު ބައެއް އޮފީސްތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތަކެއް ވެއްޖެއެވެ. އޭގެ ތެރޭގައި ތިނަދޫ އަބްދުއްސަމަދު ހޮސްޕިޓަލުވެސް ހިމެނެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ކުރަމުންދިއަ ވިއްސާރައިގެ ސަބަބުން، ތިނަދޫ ސީޓީގެ އާންމު ގެތަކަށާއި، ސަރުކާރުގެ ބައެއް ތަންތަން ފެންބޮޑުވެ އެކިވަރުގެ ގެއްލުންވެއްޖެ ކަމަށެވެ.
ފެންބޮޑުވެފައިވާ ތަންތަނުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
މި ހާދިސާގައި ފެން ވަނީ ސީދާ ކިތައް ގެއަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ތިނަދޫގައި ފެންބޮޑުވި އިރު، މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރޭ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ގއ. އަތޮޅުން ފެށިގެން އައްޑުއަށް ހުދު ސަމާލު ވެސް ނެރެފައެވެ.



