މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އިގުތިސޯދުގެ މައިގަނޑު ހުރިހައި ދާއިރާތަކެއް ކުރިއަރާފައިވާކަމަށް، މަރުކަޒީ ބޭންކް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)ގެ ކުއާޓަރލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭގެ ސަރވޭ ރިޕޯޓުގައި ބުނެފައިވަނީ ޓޫރިޒަމްގެ ދާއިރާ ފިޔަވައި ޖުމްލަ ގޮތެއްގައި ސަރވޭކުރެވުނު ހުރިހައި ދާއިރާއެއްގައިވެސް ވިޔަފާރިކުރާ މިންވަރު މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. ޓޫރިޒަމްގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު ހީނަރުވެފައިވީ ނަމަވެސް، ޑިމާންޑް ހިފެހެއްޓިފައިވާކަން ވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސަރވޭ ކުރިއަށް ގެންގޮސްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 އިން 12 އޮކްޓޫބަރުގެ ނިޔަލަށެވެ.
ޓޫރިޒަމް، ކޮންސްޓްރަކްޝަން، ޓްރެވެލް އެންޑް ކޮމިއުނިކޭޝަން ސާވިސަސް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހަތަރު ދާއިރާއަކުން ޖުމްލަ 160 ބޮޑެތި ކުންފުންޏަކަށް މި ސަރވޭގައި ބައިވެރިވުމަށް ފޯމު ފޮނުވާފައިވެއެވެ. މީގެ ތެރެއިން %70 ކުންފުނިން މި ސަރވޭގައި ބައިވެރިވެފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.
ތިންވަނަ ކުއާޓަރުގައި ސަރވޭގައި ހިމެނޭ އިގްތިސޯދީ ދާއިރާތަކުގެ މަސައްކަތްތެރިންގެ އަދަދުތަކަށް ބަލާއިރު، ޖުމްލަ ގޮތެއްގައި ހުރިހައި ދާއިރާއެއްގައިވެސް، މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތައް ފިޔަވައި ހުރިހައި ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް ކުރިއަރަމުންދާ މިންވަރު މަޑުޖެހިފައިވާކަމަށް ރިޕޯޓްގައިވެއެވެ.




