”ވޯކްޝޮޕް އޮން އިންޓަރޮޕަރެބަލް ޑިޖިޓަލް އެންވަޔަރމެންޓް ސަރވިސް ފޯރ މޯލްޑިވްސް“ގެ ނަމުގައި ރާއްޖޭގެ ޑިޖިޓަލް މާހައުލުގައި ޚިދުމަތްތައް ގުޅުވައިލެވޭނެ ގޮތްތަކަށް ފަރުމާކުރުމާއި ޑޭޓާ ހިއްސާ ކުރުމާބެހޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެ ތަމްރީން ޕްރޮގްރާމުގެ ތެރެއިން އައިޓީޔޫގެ ފަރާތުން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތައްވެސް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
އަދި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، އެ ދާއިރާގެ ޕްރޮފެޝަނަލުންނަށް ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކަމާއެކު ގުޅުވައިލެވޭނެ ގޮތްތައް ދަސްކޮށްދޭނެއެވެ.
ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް ”ގަވް ސްޓެކް“ މެދުވެރިކޮށް ފޯރުކޮށްދޭނެ ގޮތްތައްވެސް މި ތަމްރީނު ޕްރޮގްރާމުގައި ކިޔައިދޭނެއެވެ.
މީގެ އިތުރުން މި ވޯކްޝޮޕުގައި ސަރުކާރުގެ އިދާރާތަކާއި މިނިސްޓްރީތަކުން ބައިވެރިވެ، އެ ތަންތަން ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަތައް ހިއްސާކުރާނެއެވެ. މިގޮތުން އެންސީއައިޓީން ބުނީ އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ކިޔައިދޭނެކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި ފޯކަސް ކުރަނީ ޑޭޓަރ ޝެއަރިންގ ޕްލެޓްފޯމްތައް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ކަމަށެވެ.




