މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ ހޯދައި، އެ ފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މިި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގ. މާލެހިޔާ 1-16-03 އަހުމަދު ހައްސާން، 33އ އެވެ.
މި މަހުގެ 4 ވަނަ ދުވަހު އޭނާ ހައްޔަރުކުރީ އޭނާއާ ގުޅޭ ގޮތުން މިދިޔަ ނޮވެމްބަރު 30 ގައި އެންޓި ސްކޭމް ސެންޓަރަށް ލިބުނު ރިޕޯޓާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އޭނާ ވަނީ މަކަރާއި ހީލަތުން އެކި ފަހަރު މަތިން އެކި މީހުންގެ އަތުން 150،300ރ. ހޯދައި އެ ފައިސާގެ ތެރެއިން 75،000ރ. ނަގާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެހެންކަމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




