އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑު ބަލައިގަތުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.
އީސީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، މި ދެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ޑޮކިއުމަންޓުތަކުގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދޭން ބޭނުންވާ ކަމަށެވެ.
އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް މެދުވެރިކޮށް ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަލައިގަންނަ ކަމަށް އީސީން ބުންޏެވެ.
އެ ދެ އިދާރާ މެދުވެރިކޮށް ސާފުކުރަން ޖެހޭ މައުލޫމާތުތަކަކީ:
– ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ http://records.judiciary.gov.mv ޕޯޓަލް އިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ބޭނުމަށް އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު.
– އިންތިހާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑު ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ސާފުކުރިކަން އަންގައިދޭ ފޯމު.
– މީރާއަށް ފައިސާ ދެއްކުމަށް ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު.
އީސީން ބުނި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި 226 ދާއިރާއަކުން ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެއެވެ.
މި އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުގައެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7،000 އަށްވުރެ ގިނަ އޮފިޝަލުން ހޯދަން ވެސް އީސީން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.



